ނ. މާފަރު ފަޅު ތެރޭ އޮންނަ ދެ ފަޅު ރަށް މާފަރުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް މިއަދު ގެޒެޓު ކުރައްވާ ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ނ. މާފަރު ފަޅުތެރޭގައި އޮންނަ ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެ ދެ ފަޅު ރަށް ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކި ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ތެރޭގަ އެވެ.
އެ މައްސަލާގައި މާފަރު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް އެ ގަރާރު އިސްލާހު ކޮށްދެއްވައި ދެ ފަޅު ރަށް ވެސް މާފަރަށް އަނބުރާ ލިބޭ ގޮތް ހަދައިދިނުމަށް އޭރުގެ ސަރުކާރަށް ދެންނެވިއެވެ.
އެހެންނަމަވެސް އެ ނިންމުން ރައީސް ޞާލިޙު ބަދަލުކުރައްވާފައި ނުވެއެވެ.
ރަށްރަށުގެ ކައުންސިލްތައް ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ދޫކުރަމުން ގެންދާނެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.