ޓޫރިޒަމްގެ ވިޔަފާރިއަށް ހދ. ހަނިމާދޫން 14 ބިމެއް ކުއްޔަށް ދޭން ނިންމައިފިއެވެ.
މިބިންތައް ކުއްޔަށް ދޭން ނިންމިކަން ހާމަކޮށްފައިވަނީ އެ ރަށު ކައުންސިލުން އިއްޔެ ކުރި އިޢްލާނެއްގައެވެ.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ހަނިމާދޫން ކުއްޔަށް ދެނީ 5،000 އަކަފޫޓުގެ 14 ބިން ކަމަށެވެ. އެއީ ރަށުގައި އުތުރު ފަރާތުން 8 ބިމާއި ދެކުނު ފަރާތުން 6 ބިން ކަމަށް އެކައުންސިލުން ބުންޏެވެ. މި ބިންތައް ކުއްޔަށް ދެނީ 50 އަހަރަށެވެ.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށްޓަކައި ހަނިމާދޫގެ ޓޫރިޒަމް ޒޯނުން ދޫކުރާ މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ބިންތައް ހޯދުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހު 30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހެ އެވެ. ބީލަން ބަލައިގަތުމުގެ ފީ އަކީ ބިމަކަށް 1،000ރ. އެވެ. އިތުރަށް ބިން ބޭނުންވާ ނަމަ، ކޮންމެ ބިމަކަށް އިތުރަށް 1،000ރ. ދައްކަން ޖެހޭނެ އެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ދުވަހުކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ.
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް މި ސަރުކާރުންވެސް ވަނީ ބުނެފައެވެ.
އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަމުން އަންނަ އިރު، އެ އެއާޕޯޓްގެ މަސައްކަތް ނިމެންވާއިރަށް އެ ރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ރަށު ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.