ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންގ: ފޮޓޯ:މިހާރު

ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އުޅަނދެއް ދައުލަތަށް ނަގަން އަމުރުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފަހައްޓާފައިވަނީ ލަންކާގެ އުޅަނދެއް ކަމަށްވާ "ސުދިސަ ޕުތަ 2″ އެވެ. އެ އުޅަނދު ހިފެހެއްޓުމަށް ފަހު، 700،000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިތުރުން އެ އުޅަނދު ދައުލަތަށް ނަގަން ކޯޓުގައި އެދުނީ ދައުލަތުންނެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އުޅަނދުގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އިއްޔެ އިން ފެށިގެން ދެ ހަފުތާގެ ތެރޭގައި އެފައިސާ ސިވިލް ކޯޓަށް ދައްކަން އަންގާ ކަމަށެވެ.

އެ އުޅަނދާއި އެ އުޅަނދުގައި ހުރި ހުރިހާ އާލާތްތަކާއި ވަސީލަތްތައް ވެސް ދައުލަތަށް ނެގުމަށް އަމުރުކުރާ ކަމަށް، ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައިވެ އެވެ.

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ޖޫރިމަނާ ކުރުމުގެ އިތުރުން އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމުގެ ފުރުސަތު އޮވެ އެވެ.

advertisement
ހިޔާލު ދެއްވާ!