ދުބާއީގައި ފެންބޮޑުވެފައި މަގެއްގައި ޖީޕެއް ދުއްވާފައިދަނީ. ފޮޓޯ: އޭޕީ

ދުބާއީގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފި

މޫސުން ގޯސްވެ ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ދުބާއީގެ ސަރުކާރުން އަންގައިފިއެވެ.

އިއްޔެއިން ފެށިގެން އަރަބި ގައުމުތައް ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު ގަދަވެ ދުބާއީއަށް ކުއްލިއަކަށް މޫސުން ގޯސްވެ ވިދާ ގުގުރުމުގެ އިތުރުން ބޯކޮށް ވާރޭވެހި އެސިޓީގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ވިއްސާރައިގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރުމާއެކު ދުބާއީ ސަރުކާރުން ވަނީ މާދަމާއަކީ އެސިޓީގެ މަސައްކަތްކުރާ ފަރާތްތަކުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މިގޮތައް އަމަލު ކުރުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

ދުބާއީ ސަރުކާރުން ވަނީ އެސިޓީގެ ސްކޫލުތައްވެސް ބަންދުކޮށް ގޭގައި ތިބެގެން ކިޔެވުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ރަންވޭގައިވެސް ވަނީ ފެންހެދިފައެވެ. މިއަދު ހެނދުނު އެކަނިވެސް 50 ފްލައިޓެއް ވަނީ ކެންސަލްކޮށްފައިކަމަށް މަޢުލޫމާތު ލިބެއެވެ.

ދުބާއީއަށް މިއަދު 100 މިލިމީޓަރަށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާ ކަމަށް އެސިޓީގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. މިއީ އާންމުކޮށް އެއް އަހަރު ދުވަސްތެރޭ އެސިޓީއަށް ވެހޭ ވާރޭގެ ޖުމްލަ އަދަދު ކަމަށް ރިޕޯރޓްތައް ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!