ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލާގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރެއް ހައްޔަރުކޮށްފި

ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނަލްތަކެއް ހަދައިގެން ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަމުންދިޔަ މައްސަލައިގައި، އެކަންކަމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ ފަހަތުގައިތިބި ގްރޫޕްތަކަކަށް ވާގިވެރި ވުމުގެ ތުހުމަތުގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށްޓަކައި ޚާއްސަ ކޮށްފައިވާ ޓެކްސީގެ ޑްރައިވަރެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އެއީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، ޓެލެގްރާމް ޗެނަލްގެ މައްސަލާގައި ތުހުމަތުކުރެވޭ ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތު ވަނީ ކޮށްފައެވެ.

ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ކުރާކަން އެނގެންނެތް ނަމަވެސް އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި މުޢާމަލާތްތައް ހިންގާފައިވާ ކަމަށެވެ.

އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކުގެ ކޮންޓްރޯލް ފުލުހުންނަށް ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

އާމިނަތު ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭރުގެ އެކި ގައުމުތަކުން ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގަ އެވެ.

ޓެލެގްރާމް ފާހަގަކުރެވިފައި ވަނީ މިފަދަ އެތަށް ފާހިޝް އަމަލުތަކެއް ހިންގާ ބޮޑު ހަބެއްގެ ގޮތުގައެވެ. އޮރިޔާން މަންޒަރުތައް ލީކު ކުރާ ގްރޫޕުތަކާއި ސިހުރު ހަދައިދިނުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ގުރޫޕުތަކާއި ޖުވާ ކުޅުމުގެ ކަންކަން ހިންގާ ގުރޫޕުތަކުގެ އިތުރުން ޑްރަގުގެ ވިޔަފާރި ކުރާ އެކިނަންނަމުގެ ގްރޫޕުތައް މީގެތެރޭގައި ހިމެނެއެވެ.

މިފަދަ ކަންކަމަކީ ރާއްޖޭގެ ޤާނޫނުތަކުގައި އަދަބު ކަނޑައަޅާފައިވާ ކުއްތަށް ކަންކަމަށްވީއިރު އާންމުކޮށް ހުޅުވާލެވިގެން ހިންގާ މިފަދަ ގްރޫޕުތަކާއި މެދު ފިޔަވަޅު ނާޅާ ދޫކޮށްލާފައި އޮންނައޮތުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވަމުންދާ ކަމެއްކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!