ހީނާ ވަލީދު ފޮޓޯ: ޕީއެންސީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 37 ޖަލްސާއެއްގައި އެމްޑީޕީން މާރާމާރީ ހިންގާ ތަކެއްޗަށް ގެއްލުންދިން: ހީނާ

މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 37 ޖަލްސާއެއްގައި އެމްޑީޕީން މާރާމާރީ ހިންގާ މަޖިލީސް ތަޅުމުގައި އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް ޕީއެންސީން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހެން ބުނެފައިވަނީ މަޖިލީސް އިންތިހާބަށް ކަނޑައަޅާފައިވާ ހީނާ ވަލީދު މިއަދު ބޭއްވި ޕްރެެސް ބްރީފިންގައެވެ.

ޕްރެސް ބްރީފިންގައި ހީނާ ވަނީ ނިމިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ ރައްޔިތުންނަށް މާ ބޮޑެތި ކަންތައްތައް ކޮށްދެވުނު ތަން ނުފެންނަކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިސްލާމްދީނަށް ފުރުއްސާރަކޮށްފައިވާ ކަަންކަން ބެލުމަށް އޭރު އިދިކޮޅުގައި އޮތް ޕީއެންސީ/ޕީޕީއެމް އިން މަޖިލީހަށް ހުށަހެޅުމުން އެކަން ބަލާފައިނުވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ދީނީ ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންނަށް ފިޔަވަޅު އެޅި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ނަމަވެސް އެއާ ހިލާފަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިސްލާމި ކަންތައްތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރަމުން ހީނާ ވިދާޅުވީ، އެކަންތައްތަކާއި ގުޅޭ ގާނޫނު ފާސްކުރަން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިއްމު ކަމަށެވެ.

ރައީސް މުޢިއްޒުވެސް ދަނީ އެމަނިކުފާނު ތާއިދުކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް ޕޯޑިއަމްތަކުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!