މިނިސްޓަރ ފައިޞަލް އދ ގައި ތަޤްރީރުކުރައްވަނީ

ކުދި ޤައުމުތަކަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އދ ގައި މިނިސްޓަރ ފައިޞަލް ތަޤްރީރުކުރައްވައިފި

މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ހިލޭ އެހީއާއި، ލޯނާއި މާލީ އެހީތެރިކަން ހޯދުމަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގެ މައްޗަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އެޕްރީލް މަހުގެ 15 ވަނަ ދުވަހު އ.ދ. ގެ އާއްމު މަޖިލީހުގައި ބޭއްވުނު ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.

"ޑެބްޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝަލް އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް" މި މައުޟޫއަށް ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ކުއްލި ލޮޅުންތަކުގެ ސަބަބުން ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

ހަމައެހެންމެ، ރާއްޖެފަދަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ހިލޭ އެހީއާއި އިންޓްރެސްޓް ރޭޓު ކުޑަ ލޯނު ފަދަ މާލީ އެހީތެރިކަން ހޯދުމަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ބޮޑު އަގުގައި ނެގޭ ލޯނުތަކުން ފަންޑުތައް ހަމަޖައްސަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

އަދި އެފަދަ ލޯނުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ނުވަތަ "ޑެބްޓް ސަރވިސް ޕޭމެންޓް"ގެ އަދަދު މަތިވުމާ ގުޅިގެން ޤައުމުގެ އިޖްތިމާޢީ ގިނަ ކަންކަމަށް ޚަރަދު ކުރެވިދާނެ ފައިސާއިން ދަރަނިތައް އަދާކުރަން ޖެހުމަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމާއި ހަމަހަމަކަމަށް ނޭދެވޭ އަސަރު ކުރަމުންދާކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރައްވިއެވެ.

އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ދަރަނިތައް އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިހާރު ފަރުމާކުރެވިފައިވާ ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއްގެނެސް، ވަކިން ޚާއްޞަކޮށް ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނުތައް ހަމަޖެއްސޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

މިގޮތުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ އިޤްތިޞާދީ ލޮޅުންތަކާއި މިނޫންވެސް ކުއްލި ހާލަތްތަކުގެ ނުރައްކާ ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަންޑުކުރެވޭނެ ރަނގަޅު މާލީ ނިޒާމެއް ބޭނުންވާކަމުގައި މިނިސްޓަރ ފައިޞަލް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިމައްސަލައަށް ހައްލު ހޯދުމަށްޓަކައި ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް ދަރަނިދޫކޮށްފައިވާ ޤައުމުތަކުން ދަރަނި ނަގާފައިވާ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތްތަކަށް ރިއާޔަތްކޮށް އެފަދަ ޤައުމުތައް ވެއްޓިދާނެ މާލީ އަނދަވަޅަކުން ސަލާމަތްކުރުމަށްޓަކައި ދަރަނި އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ.

advertisement
ހިޔާލު ދެއްވާ!