ނަންރީތިމާ ނުވަތަ ބަޓަރފްލައި ޕީ މަލަކީ ރާއްޖޭގައި ބަގީޗާތައް ފަޅުފިލުވާދިނުމުގައި ވަރަށް އާންމު އަދި ބަލާލަން ނުހަނު ހިތް ގައިމު މަލެކެވެ. ވެޔޮގަނޑެއްގައި އަޅާ ފަސޭހައިން ހެދޭ މި މަލަކީ ފްރީ ރެޑިކަލްސްއިން ހަށިގަނޑު ރައްކާތެރި ކޮށްދޭ އެންޓިއޮކްސިޑެންޓްސް ގިނަ ޢަދަދަކަށް އެކުލެވިފައިވާ މަލެކެވެ.
ފްރީ ރެޑިކަލްސްއަކީ ހަށިގަނޑުގައި ހިނގާ މެޓަބޮލިކް ރިއެކްޝަންތަކުގެ ސަބަބުން ނުވަތަ އުޅެވޭ މާޙައުލާއި ސިނގިރޭޓް ބުއިން ފަދަ އާންމު އާދަތަކާ ގުޅިގެން ހަށިގަނޑުގައި އުފެދޭ މާއްދާއެކެވެ. ހަށިގަނޑުގައި ފްރީ ރެޑިކަލްސް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު ވެއްޖެނަމަ އޮކްސިޑޭޓިވް ސްޓްރެސްވެ ތަފާތު ބަލިތަކަށް މަގުފަހިވެގެންދެއެވެ.
މިހާލަތުން އަރައިގަތުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބޭނުންވާ އެންޓިއޮކްސިޑެންޓްސް ހަށިގަނޑުގައި އުފެއްދުމުގެ އިތުރަށް ކެެއުމުގެ ތެރޭގައި ހިމަނައިގެންނާއި ބޭހުގެ ގޮތުގައި ހަށިގަނޑަށް ފޯރުކޮށްދޭންޖެހެއެވެ.
ނަންރީތިމަލަކީ ކޮސްމެޓިކްސް ބާވަތްތައް އުފެއްދުމަށާއި އޭގައިވާ ގުދުރަތީ ރީތި ނޫ ކުލައިގެ ސަބަބުން ކާބޯތަކެއްޗާއި ފޮތި އުފެއްދުމުގައި ޒަމާނުއްސުރެން ބޭނުން ކުރެވެމުން އަންނަ މަލެކެވެ. މިމަލުގައިވާ ކުލަ އަކީ އޭގައި ހިމެނޭ ޓާރނެޓިންސް ކިޔާ މާއްދާއެއްގެ ސަބަބުން އުފެދޭ ކުލައެކެވެ.
ސައިންސްގެ ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ޓާރނެޓިންސް އަކީ އިންފްލަމޭޝަން ދަށްކޮށްދީ ކެންސަރ ސެލްތައް އުފެދުން ދަށްކޮށްދޭ މާއްދާއެކެވެ.
މިމަލުގައި ކާނާ ހަޖަމު ކުރުމާއި ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ މާއްދާތައްވެސް އެކުލެވިގެންވެއެވެ. ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި ނަންރީތި މަލުން އިންސިއުލިންގެ މިންވަރު ދަށްކޮށްދީ ލޭގައިވާ ހަކުރުގެ މިންވަރު ހިފަހައްޓައި ހަކުރުބަލިން ރައްކާތެރިވުމަށްވެސް އެހީވެދެއެވެ.
ނަންރީތި މަލުގައި ހިމެނޭ އިތުރު ފައިދާތައް:
އިސްތަށިގަނޑު ވަރުގަދަކޮށްދީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީވުން
އެންޒައިޓީއާއި ސްޓްރެސް ދަށް ކޮށްދިނުން
ޕީރިއަޑް ތަދު ކުޑަކުރުމަށް އެހީވެދިނުން
ލޮލުގެ ބަލިތައް ރަނގަޅު ކުރުމަށް އެހީވެދިނުން
ކެެއްސުމާއި ރޯގާ ފަސޭހަ ކުރުމަށް އެހީވެދިނުން
ކޮލެސްޓްރޯލް ދަށް ކޮށްދިނުން
ނަންރީތިމަލުގެ ސައި ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
4 – 8 ހިއްކާފައިވާ ނަންރީތިމާ
1 ޖޯޑު ހޫނުފެން
1 ސައިސަމުސާ މާމުއި
ލުނބޯ ފަޅިއެއް
ނަންރީތިމަލުގެ ސައި ތައްޔާރުކުރާނެ ގޮތް:
މިސައި ތައްޔާރު ކުރުމަށް ހިއްކާފައިވާ ނަންރީތިމާތައް ކެކިފައިވާ ހޫނުފެނުގެ ތެރެއަށް އަޅައި 10-15 މިނެޓް ވަންދެން މަތި ބަންދު ކޮށްފައި ބެހެއްޓުމަށްފަހު ފުރާނާލާށެވެ. ބޭނުންނަމަ މާމުތާއި ލުނބޯ ހުތްވެސް އިތުރު ކުރެވިދާނެއެވެ. ލުނބޮލުގައި ހިމެނޭ ޕީއެޗްގެ ސަބަބުން މަލުގެ ކުލަ ނޫ ކުލައިން ދަނބު ކުލައަކަށް ބަދަލުވެގެން ދާނެއެވެ.
ނަންރީތިމަލުގެ ސަޔަކީ އާންމު ގޮތެއްގައި ކެއުމުގެ ކުރިން ނުވަތަ ފަހުންވެސް ބޭނުން ކުރެވިދާނެ ސައެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން މިސައި ބުއިމުން އޭގައިވާ އެމައިނޯ އެސިޑެއް ކަމަށްވާ ޓްރިޕްޓޯފަންގެ ސަބަބުން މެލަޓޮނިން ހޯރމޯން އިތުރުކޮށްދީ ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ.
މިފަދަ ކޮންމެ އެއްޗަކީ ބޭނުންކުރުމުން ސައިޑް އިފެކްޓެއް މެދުވެރިވެދާނެ އެއްޗެކެވެ. އެހެންކަމުން މިސައި ބޭނުން ކުރުމަށްފަހު އެެއްވެސް ސައިޑް އިފެކްޓެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯދުން އެދެވިގެންވެއެވެ. މާބަނޑު އަންހެނުންނާއި ލޭގެ ޕްރެޝަރ ދަށް ބަލި މީހުން މިސައި ބޭނުން ކުރަންވާނީ ޑޮކްޓަރުގެ ލަފާ ހޯދުމަށްފަހު ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށެވެ.
6 Comments
ޥަރަށް ފުރިހަމަ ލިއުމެއް
ޥެރީ ޕުރައްޑް އޮފް ޔޫ �
މުހިންމު ބޭނުންތެރި މަޢުލޫމާތު ކޮޅެއް ލިގެން މިދިޔައީ.
ވަރަށް ފުރިހަމަ ލިޔުމެއް
"މާމުތާއި" އެއް ނޫން ރަނގަޅު ގޮތަކީ "މާމުޔާއި" މިހެން ޖެއްސެވުމެވެ
ދެ ގޮތް ވެސް ރަނގަޅު. މާމުތް ކިޔާ ނަމަ ކިޔާނީ މާމުތޭ. މާމުއި ކިޔާ ނަމަ ކިޔާނީ މާމުޔޭ. މި ދެ ގޮތް ވެސް ރަދީފުގައި އެބޮތް.
ބެސްޓް