ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރައްވައިފިއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން އޮނަރ ގާޑެއް އަރުވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު އަދި، އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއެވެ.
އެގޮތުން ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ ދިގު މުއްދަތުގެ ޚިދުމަތާ ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.
އެމަނިކުފާނު އެމްއެންޑީއެފްއާއި ގުޅިވަޑައިގެންފައިވަނީ 18 ފެބްރުއަރީ 1985 ގައެވެ.
ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ.
އަދި މީގެ އިތުރުން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ޙާޞިލްކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައެވެ.
މީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ވެސް ޢައްޔަންކުރެއްވިއެވެ.