ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓު ތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރޭ ހިޔާ ފްލެޓުގެ ދެވަނަ ޓަވަރުގައި ބޭއްވި ރަސްމިއްޔާތުުގައި އެ މަސައްކަތް ފައްޓަވާދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން 200 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.
ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.
ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް އެޗްޑީސީ އިން ލަފާ ކުރާއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެއަށް ވުރެ ކުރިން މި މަސައްކަތް ނިންމާލުމެވެ.
މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ.
ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.