ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު ޢައްޔަންކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ދަފްތަރު. ނަންބަރު ރސ 5012، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އޭގެ ކުރިން އޭނާ ހުންނެވީ ކޯސްޓު ގާޑުގެ ކޮމާންޑަންޓުގެ މަގާމުގަ އެވެ. ހިލްމީ ސިފައިންގެ ވަޒީފާއަށް ވެންނެވީ އޭޕްރީލް 25، 1988، ގަ އެވެ.
މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މޭޖާ ޖެނެރަލް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ކޮމާންޑިން އޮފިސަރުކަމާއި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކަމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރު ކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.
ވައިސް ޗީފްގެ މަގާމަށް ޖެނެރަލް ހިލްމީ އައްޔަނުކުރެއްވީ ވެސް ރައީސް މުއިއްޒު އެވެ. އެއީ ޑިސެމްބަރު 13, 2023 ގަ އެވެ.
މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ޢައްޔަންކުރައްވާފައެވެ.