ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ތިން އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ހައި ކޯޓުގެ ހުކުމްގައިވާ ގޮތުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ހޯދުން ކަމަށްވާއިރު ރަށްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައި ނުވާކަމަށެވެ.
ހުކުމްގައި ބުނެފައިވާ ގޮތުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރަކީ ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއްކަން އެނގެން ނެތެވެ.
އެހެންވެ ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް އަލުން ބަލަން ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުން ވަނީ ޙުކުމްކޮށްފައެވެ.
ދަށު ކޯޓުން ކުރިން ޙުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައިވާ އެކައުންޓެއް ރީއެކްޓިވޭޓްކޮށް ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓަކުން ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމަކަށް ނުދެކޭ ކަމަށާއި، އެއީ އާރަށް ކުށްޔަށް ދިނުމާ ގުޅިގެން ޔާމީން ހޯދުމަށް އެދުނު ފައިސާކަން ޔާމީނަށް އެނގޭނެކަން އެއީ ސަބަބުވެރި އިންސާނެއްގެ ނަޒަރުން ބެލިނަމަވެސް ޔަގީންވާކަމެއް ކަމަށެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔޫސުފް ނައީމް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމް ކުރީ 25 ޑިސެމްބަރ 2022 ގައެވެ.