މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ މަސައްކަތް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ.
މި އެއްބަސްވުމުގެ ދަށުން އެޅޭ ހައުސިންގ ޔުނިޓްތަކުގެ އެޕާޓްމެންޓެއްގެ ބޮޑުމިނަކީ 1،000 އަކަފޫޓެވެ. އެޕާޓްމެންޓެއްގައި 3 ކޮޓަރި އާއި، 3 ފާޚާނާ އަދި ސިޓިންގް ރޫމާއި ބަދިގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމެއް ހިމެނެއެވެ.
އަދި މި ޔުނިޓްތަކުގައި ޕާކަކާއި، ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްް ގާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ދިއްގަރުގައި ހައުސިންގ ޔުނިޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރުގެ ތެރޭގައިއާ އެކީގައި، އިތުރު ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ. އަދި އޭގެއިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި މި އަންނަ އަހަރުގެ ތެރޭގަޔާ އެކީގައި، އިރާދަކުރެއްވިއްޔާ އިތުރު ހައުސިންގ ޔުނިޓުތަކުގެ މަޝްރޫޢުތައް ހިންގާނަން. ހަމަ އެއާއެކީގައި، އަމިއްލައަށް ގެދޮރުއެޅުމަށްޓަކައި އެކިކަހަލަ ލުއި ލޯނު ފެސިލިޓީތައް ފޯރުކޮށްދިނުން އެއީ، އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތެއް." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ މި އަހަރަށް ކަނޑައެޅިފައިވާ ޕީއެސްޕީއައި ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 11.7 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.