ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ޓައިޑް" ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިން ދީފި އެވެ.
މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެވެ.
އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު ވަނީ މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިހާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަމާން އޮމާންކަމާ އެކީ ވޯޓްލާން އަންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައިގެން އެގޮތުގައި އިންތިހާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ކަމިޝަނަރު ވިދާޅުވި އެވެ. އަދި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ބައިވެރިވާ ޙަރަކާތަކަށް ވުމާއެކު ކޮންމެ ފުލުހަކު އެ ފުލުހަކަށް ޙަވާލު ކުރެވިފައިވާ މަސައްކަތް ވަރަށް އިޚްލާޞްތެރި ކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތް ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިލެއްވިއެވެ.
މި ބްރީފިން އާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން "ބްލޫ ޓައިޑް" ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށާ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކުރެވިފަ އެވެ.