އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ބެލުމަށްފަހު އާންމުކޮށްފައިވާ ފްލެޓް ނުލިބޭ މީހުންގެ ލިސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ އޭސީސީގެ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންގެންދާ ލިސްޓަކީ، އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ކޮމިޝަނުން ބެލިބެލުމުންް އެނގިފައިވާ ކަމަށެވެ.
އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މި ކޮމިޝަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން އޭސީސީއިން ކުރާ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ދީފައެވެ.
ފުލެޓުތަކުގެ ދާއިމީ ލިސްޓާއި ގުޅޭގޮތުން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި، ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި މީހުންގެ ލިސްޓު ކަމަށް ބުނާ ލިސްޓް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިދަނޑިވަޅުގައި ހައުސިންގ މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި "ގެދޮރުވެރިޔާ ސްކީމް" އާއި އެ ސަރަހައްދުން ގޯތި ދޫކުރުމަށް އިއުލާން ކުރެވުނު "ބިންވެރިޔާ ސްކީމް" އާއި ގުޅިގެން ސިޔާސީ ބޭނުމަށް ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ދެ ސްކީމްއާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި، އެ މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފަ ވާހަކަ ފަތުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ އެ ދެ ސްކީމްގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އުސޫލާއި ހިލާފަ އެއްވެސް ރައްޔިތަކު އެއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވާފައި ވަނީ ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު ބައެއް ފަރާތްތަކަށް އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެންނެވެ.