"އިންޑިޔާ އައުޓް" ކެމްޕެއިން މާދަމާ އަލުން ފަށާނަން: ރައީސް ޔާމީން

ނިމިދިޔަ ސަރުކާރުގައި އިދިކޮޅުގައި އޮތްއިރު ޕީއެންސީ/ޕީޕީއެމް އިން އިންޑިއާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް މާދަމާ އަލުން ފައްޓަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޝްވަތު ނެގުމާއި، މަނީލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ބާތިލުކުރުމާއެކު މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭނު އަލުން ފަށާފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ އެކަމުގައި ޝައްކެއް ވެސް ނެތް ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒު ހަދައިގެން ތިބުމާއި އެމަނިކުފާނު ދެކޮޅު ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ކުރަން ނިންމާފައި އޮތް މަސައްކަތަކީ ގޭގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބޮޑު ބެނާ ފުލުހުން ވަނީ ގެންގޮސްފައި. އެ ހޯދަން ފުލުހުންނަށް ފުރަތަމަ ލިޔާނީ ދޭށޭ." ޔާމީން ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިޔަ އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅިއެވެ. އަދި ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާވެސް ފުލުހުން ގެންދިޔައެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާބޯޓު ދުއްވާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޭމަހުގެ ނިޔަލަށް ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުޢިއްޒު ވިދާޅުވީ އޭގެ ބަދަލުގައި ހަރަކާތްތެރިވާނީ މަދަނީ މީހުން ކަމަށެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ހުރިހާ ވަކީލުން އެއްބަސްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ދިފާއުކުރައްވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

advertisement
ހިޔާލު ދެއްވާ!