ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް... ފޮޓޯ: ރައީސް އޮފީސް

ޕީއެންއެފް ގެ ކެމްޕެއިނަށް ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ: މަލީޙު

ޕީއެންއެފް ގެ ކެންޑިޑޭޓުންނަށް ތާއީދު ތާއިދު ހޯއްދެވުމަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޝްވަތު ނެގުމާއި، މަނީލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ބާތިލުކުރުމާއެކު މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޕީއެންއެފްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބަށް 48 ގަޑިއިރުވެފައިވާއިރު ނުޙައްގުން ޙުކުމެއް ކޮށްފައި ހުރުމުން ވަރަށް ގިނަ ކަންތައްތަކުން މަހުރޫމްވެފައިވާ ކަމަށާއި މާދަމާ ރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެކަމަކު ސީދާ ވަޑައިގަންނަވާނެ ރަށެއް ވިދާޅެއް ނުވެއެވެ.

އެހެންނަމަވެސް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މަލީހު މިރޭ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ޕީއެންއެފް ޓީމް ފުވައްމުލަކަށް ދަތުރުކުރާނެ ކަމަށާއި ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ފްލައިޓް މާލެއިން ފުރާނީ މިރޭ ދަންވަރު 12:30ގައި. މާދަމާ ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވާނެ" މަލީހު ވިދާޅުވިއެވެ.

ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީއެންއެފުން ވަނީ ތާއީދުކޮށްފައެވެ. ބަދަލުގައިި އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއީދުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!