އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤްޞަދުގައި، އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމުގައި ޤާނޫނީ ގޮތުންނާއި، އިޖްރާޢީ ގޮތުންނާއި ހެކި ހޯދުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޯރަމެއް ބާއްވައިފިއެވެ.
މިއީ މި އަހަރުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އޭސީސީން އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ އިލެކްޝަންސް ސްޓްރެޓެޖީގެ ދަށުން ބޭއްވި ފޯރަމެއް ކަމަށް އެ ކޮމިޝަނުން މައުލުމާތު ދެއެވެ.
މި ފޯރަމްގައި އެ ކޮމިޝަނުގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓުގައި ހިމެނޭ 45 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
މި ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދެއްކެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަލްފާޟިލް ފުއާދު ތައުފީގެވެ. އޭގެ ފަހުގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ފޯރަމްގެ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ.
އޭސިސީން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ބޭއްވި މި ފޯރަމްގައި އެ ކޮމިޝަނުގެ ފަސް ޕެނަލްއަކުން އިންތިޚާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ އެކި ޑިޕާޓްމެންޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ފޯރަމްގައި އަލިއަޅުވާލާފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ އިންތިޚާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި، އިންތިޚާބާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަންގައި ރަޖިސްޓަރީކުރުމާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަޙުޤީޤުކުރުމާއި، އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ އުފުލުމެވެ.
އޭސީސީން ބުނީ މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވާ ހިންގި މި ފޯރަމަކީ ޤާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ހެކި ހޯދުމުގައި ހިނގާ އިންތިޚާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާ ބެހޭ ގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރި ކުރުމުގެ މަޤްސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމް ކަމަށެވެ.