ދިވެހީން ބޭނުންވަނީ ރައީސް މުޢިއްޒު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިންކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ފަހުބައިވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރުމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސަށް ޝުކުރު އަދާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް މުޢިއްޒު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
"الحمد لله! ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު!ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު.ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު.ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު.ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން" އަދުރޭގެ ޕޯސްޓްގައި ވެއެވެ.
الحمدللہ!
ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު!ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު.ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު.ޝަރުޢީ ދާއިރާ އަކީ… pic.twitter.com/IpWie00yYx— Abdul Raheem Abdulla (@Banafsaa) April 18, 2024
ޔާމީނަށް އިއްވި ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރިއިރު، އެ ހުކުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު، 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ.
ޕީއެންސީގެ ޓިކެޓުގައި ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޔާމީންގެ މައްޗަށް އޭރު އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމްގެ ސަބަބުންނެވެ. އަދި ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ވެވަޑައިގަތް ވަޢުދުގެ މަތީގައި ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ.
ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ.