ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައީސް ޔާމީން ފޮޓޯ. އެމްއެންއެން

އަޅުގަނޑަކަށް ނޭނގޭނެ ރަމަލު ޖަހާކަށް. އަދުރޭ ކައިރިން އައްސަވާ: ޔާމީން

އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ކާމިޔާބު ކުރެވޭނީ ކިތައް ދާއިރާގެ ގޮނޑިކަން އެނގިވަޑައިގަންނަވާނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޝްވަތު ނެގުމާއި، މަނީލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ބާތިލުކުރުމާއެކު މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޕީއެންއެފްއަށް މަޖިލީހުން ކިތައް ގޮނޑި ކާމިޔާބު ކުރެވިދާނެތޯ އާއި މަޖިލިސް މެޖޯރިޓީ އާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ ހިސާބު ޖައްސަވާނީ އަބްދުއްރަހީމް ކަމަށާއި، އެހެންކަމުން އެކަން އިނގޭނީ އޭނާ އަށް ކަމަށެވެ.

"ތިޔެއް އިނގޭނީ އަބްދުއްރަހީމް އަށް. ހިސާބު ޖައްސަވަނީ އަބްދުއްރަހީމް. [މެޖޯރިޓީ] ވެސް އިނގޭނީ އަބްދުއްރަހީމްއަށް. އެޔެއްނުންތޯ ހިސާބު ޖައްސަވާ ބޭފުޅަކީ. އަޅުގަނޑަކަށް ނޭންގޭނެ ރަމަލު ޖަހާކަށް. އަޅުގަނޑުމެން ކުރާނީ މަސައްކަތް" ޔާމީން ވިދާޅުވިއެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާދަމާއިން ފެށިގެން އަމަލީ ގޮތުން ކެމްޕޭން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން، މާދަމާ އަތޮޅު ތެރެއަށް ކެމްޕޭން ދަތުރު ކުރަން ވިސްނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިރުކޮޅެއްފަހުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މަލީހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ޕީއެންއެފް ޓީމް ފުވައްމުލަކަށް ދަތުރުކުރާނެ ކަމަށާއި ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީއެންއެފުން ވަނީ ތާއީދުކޮށްފައެވެ. ބަދަލުގައިި އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއީދުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!