މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހޮނަރަބަލް މުޙައްމަދު ސަޢީދު .. ފޮޓޯ: މިނިސްޓްރީ

އާ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް އޮޕަރޭޝަނަށް ގެނައުމަކީ ރައީސް އިސްކަންދެއްވާ ކަމެއް: ސަޢީދު

އާ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހޮނަރަބަލް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެފަދަ ބޮޑެތި ބަދަލުތަކަކާއެކު ކުރީގެ ރައީސް ޔަމީންގެ ވެރިކަމުގައި ފެށި މަސައްކަތެއް ކަމަށެވެ.

އަދި 2015 މި މަޝްރޫޢު ފެށީ ހިސާބުތަކެއް ޖަހާފައި ވަކި މުއްދަތެއްގައި ނިންމާގޮތަށް ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި މުޅި މަޝްރޫޢު އޮތީ ވަރަށް ބޮޑަށް ދޫކޮށްލާފައި ކަމަށެވެ.

ސައީދު ވިދާޅުވީ މަޝްރޫޢުގެ އަގު އުފުލުން ފިޔަވާ، މަސައްކަތްތައް އެދެވޭ ސްޕީޑުގައި ގެންގޮސްފައިނުވާ ކަމަށެވެ.

"2018 ގައި ވެރިކަމާއި ޙަވާލުވި ސަރުކާރުން ވަރަށް ބޮޑަށް މި މަސައްކަތް އޮތީ ދޫކޮށްލާފައި އިނގޭތޯ. ދެން އަނެއްކާ މުޅިންވެސް ގެންނަމުންދިޔައީ އެކިއެކި އަގު އިތުރުކުރުންތަކެއް ހަޤީޤަތުގައި. މަސައްކަތްތަކެއް ނުހިނގާ. އަގު އިންފްލޭޓްވަމުންދިޔައީ، ބެލޫންވަމުންދިޔައީ.. އެކަން އެބަހުރި ފެންނަން، އަގު މި ދެންނެވީ ވަރަށް ބޮޑުތަނުން. މި މަސައްކަތް ފެށިއިރު އޭރު އެމްޑީޕީން ފާޑުކިޔަމުންވެސް ދިޔަ ސަރުކާރުން މިހާ ބޮޑު ސަރަހައްދެއް ހަދަން ނުޖެހޭނެއޭ ކިޔާފަ. އެހެންވީމަކަމަށް ބޮޑަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ އެމްޑީޕީ ސަރުކާރުގައި މި މަޝްރޫޢަށް ދޭންވާ އަހައްމިއްޔަތުކަން ނުދިނީ." ސައީދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!