ވޭތުވެ ދިޔަ 5 މަސް ދުވަހުގެ ތެރޭގައި ގިނަ ގޮންޖެހުންތަކަކާއެކު ނަތީޖާ ޙާސިލުކޮށްދެވިއްޖެ: ރައީސް

ވޭތުވެ ދިޔަ 5 މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ގޮންޖެހުންތަކަކާއެކު ވެސް ނަތީޖާ ޙާސިލުކޮށްދެއްވިފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިސްކުރައްވަނީ ނަތީޖާ ކަމަށާއި އިސްކުރަންވީ ރައްޔިތުންނަށް ވަޢުދުތަކެއްވެ ވަޢުދުތައް ފުއްދުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ސަރުކާރަށް ފުރުޞަތު ދިނުމުގެ ވިސްނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށްވެސް ގިނަ މަސައްކަތްތައް މިހާރުވެސް ފެށިފައިވާ ކަމަށާއި ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ އައްޑޫ ބްރިޖުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އައްޑޫގެ ފެނާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ޙަވާލުކުރެވިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތައް މަޖިލީހަށް ހޮވައިގެން ވާނީ ވަގުތު ބޭކާރު ކަމަށެވެ.

އަދި އެކަމުން ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި ރައްޔިތުންނަށް ކަމެއްކޮށް ދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ސަރުކާރަކަށް މަޖިލީހުން ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!