އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ދަ ޑިމޮކްރަޓްސްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތްތާންގައި ކަމަށެވެ.
އޭގެ ބަދަލުގައި ދަޢުލަތަށްވީ އިތުރު ބުރަތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ހަމައެހެންމެ ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ބަދަލުތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަންފެށި ކަމަށެވެ.
ނަމަވެސް ރައީސް ޞާލީހްގެ ސަރުކާރު ނިމިގެން ދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބި ކަމަށާއި ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔާއިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން ގެދޮރުވެރިކަމެއް ނެތްކަމަށެވެ.
"ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އީޤްތިޞާދު ކުރިއެރުވުމަށްބުނެ ކުރި މަސައްކަތްތައްވެސް ހުރީ ހުރިގޮތަށް ކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ ދަރަނި ކަމަށެވެ.