މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވޯޓުލައްވައިފި އެވެ.
ރައީސް މުޢިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮއްޓަށެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި ވީހާވެސް އަވަހަށް ވޯޓުލުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.
މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 5:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.