ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވޯޓު ލައްވައިފި އެވެ.
މީގެއިރުކޮޅެއް ކުރިން ރައީސް ޞާލިޙު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށެވެ. މެޑަމް ފަޒްނާ ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށެވެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިޙު އެދިވަޑައިގަތީ ވީހާވެސް އަވަހަށް ގިނަ ބަޔަކު ނިކުމެ ވޯޓުލެއްވުމަށެވެ. އަދި މިއަދު ކުރިއަށް މިދާ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ސިޓީ ތަކުގެ ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި މުވައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އީސީން މަޢުލޫމާތުދޭ ގޮތުގައި ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ. އަދި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ. އެއީ އިންޑިއާ (ޓްރިވެންޑްރަމް) އާއި، ސްރީލަންކާ (ކޮލަމްބޯ) މެލޭޝިއާ (ކުއަލަލަމްޕޫރު) ގައެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.