ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަވަރުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަޙީދާ ވިދާޅުވީ މަޖިލިސް އިންތިޚާބަށް ކޮމިޝަނުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި ކަމާ ގުޅޭ ފަރާތްތައް ހޭލުންތެރިކޮށް އަމަލުކުރަންވީ ގޮތް އަންގައިދީ ބުނެދީފައިވާނެ ކަމަށެވެ.
މަރިޔަމް ވަޙީދާ ވިދާޅުވީ އިންތިޚާބުގެ ކަވަރޭޖު ކޮމިޝަނުން ބަލައި މޮނިޓާކުރަމުންދާ ކަމަށާއި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އިންތިޚާބުތަކާ ގުޅިގެން އާންމުކޮށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކަކީ މަނާ ގަޑީގައި ކެމްޕޭން ކުރުމާއި، ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ހުށަހެޅޭ ޝަކުވާ ކަމަށްވެސް ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ ގައިޑްލައިންގައި ނޫސްވެރިންނާ ޕްރެޒެންޓަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުން ހިމެނެ އެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ސަލާމަތީ ހިދުމަތްތަކުން ކުރާ އަމުރުތަކަށް ނޫސްވެރިންނާއި ޕްރެޒެންޓަރުން އިޙަތިރާމް ކުރުމަށްވެސް ބާރު އަޅާފައިވެ އެވެ.
މީގެއިތުރުން އާންމުން ވޯޓަށް ހޭލުންތެރިކުރުމާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުންވެސް ގައިޑްލައިންގައި ހިމެނެ އެވެ.
އީސީން މަޢުލޫމާތުދޭ ގޮތުގައި މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ.
މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.