އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު.. ފޮޓޯ: އީސީ

ރިޝްވަތުގައި ނުޖެހި ވޯޓުލުމަށް ފުއާދު އެދިވަޑައިގެންފި

ރިޝްވަތުގެ އެއްވެސް ފައިސާއެއްގައި ނުޖެހި މިނިވަންކަމާއެކު ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.

ފުއާދު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެންދެއްވި މެސެޖެއްގައެވެ.

އޭނާ ވަނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ވޯޓުލުން ފަސްކޮށްފިނަމަ ކިޔުގައި މަޑުކުރަން ޖެހޭ ވަގުތު އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއްކަމަށާއި އެއީ ގައުމީ ވާޖިބެއް ކަމަށެވެ.

"އެކަން އަދާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެމީހަކަށްޓަކައި އެމީހެއްގެ ފަރާތުން އެމީހަކު ދެކޭގޮތުގައި އެމީހެއްގެ އަޑު މަޖިލިހުގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެކަމަށް އެންމެ ގާބިލް، އެކަމަށް އެންމެ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ މީހަކަށް އެ ވޯޓު ދެއްވީމަ ހުންނާނީ ރަނގަޅަށް" ފުއާދު ވިދާޅުވިއެވެ.

އެގޮތުން ވޯޓާ ގުޅުވައިގެން އެއްވެސް މީހަކު ދޭ ހަދިޔާއެއްގައި ނުވަތަ އެ ނޫންވެސް މަންފާއެއް ލިބޭ އެއްޗެއްގައި ނުހިފުމަށް އިލްތިމާސްކުރައްވާ ފުއާދު ވަނީ ވޯޓުލުމަށްފަހު އެއްވެސް މީހަކު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މަޑުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!