ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުނެގުމުގެ ތެރެއިން..ފޮޓޯ:އީސީ

އިންތިހާބު ކުރިއަށްދަނީ އަމާންކަމާއެކު: ފުއާދު

މިއަދު ކުރިއަށްދާ މަޖިލިސް އިންތިޚާބުގެ ވޯޓްލުން ކުރިއަށްދަނީ އަމާންކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓްލުން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމެއްގެ ދަށުން ކަމަށެވެ.

"ލަފާ ކުރެވޭ ވަރަށްވުރެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުން މިހާތަނަށް ވޯޓުލައިފި. އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ ވޯޓުލެވޭ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާން ނިކުންނާނެ ކަމަށް." ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ އިންތިޚާބާ ގުޅިގެން ބައެއް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ކަންބޮޑުވާންޖެހޭވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.

އަދި ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް އޮންނަ އުސޫލުތަކުގެ ތެރެއިން ޙައްލުކޮށްދެއްވާނެކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

advertisement
ހިޔާލު ދެއްވާ!