ޤައުމާއި ރައްޔިތުންނަށްޓަކައި ދިވެހި ސިފައިން މަސައްކަތް ކުރަނީ އިޚްލާސްތެރިކަމާއިއެކު: ރައީސް

ޤައުމާއި ރައްޔިތުންނަށްޓަކައި ރެއާއި ދުވާލު ދިވެހި ސިފައިން މަސައްކަތް ކުރަނީ އިޚްލާސްތެރިކަމާއި ގަދަ ހިތްވަރާއި އަޒުމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިން ކުރައްވަވާ ހިންމަތާއި މިންނަތް ދިވެހީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށެވެ.

ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވާދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ “ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން” ހާމަކޮށްފަ އެވެ.

އަދި ދިވެހި ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ “އައްޑަނަ” މަޖައްލާގެ 34 ވަނަ އަދަދުވެސް މިއަދު ވަނީ ނެރެފަ އެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު" މި މައުޟޫޢުގެ މައްޗަށެވެ.

advertisement
ހިޔާލު ދެއްވާ!