މިހާރު ކުރިއަށްދާ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ހަތަރު އިންސައްތަ މަރުކަޒުތަކުގައި ލާ ވޯޓުގެ ސިއްރުކަން ގެއްލޭކަން ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
މިއަދު ވޯޓުލުން ފެށިފައިވަނީ ރަނގަޅު އިންތިޒާމުތަކާއެކު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ހެނދުނު 8:10 ގައި ވޯޓުލާން ފެށިފައިވަނީ 83 އިންސައްތަ މަރުކަޒުތަކުގައި ކަމަށާއި، ހުރިހާ މަރުކަޒުތަކުގައި 9:00ގެ ކުރިން ވޯޓުލުން ފެށިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 96 އިންސައްތަ މަރުކަޒުތަކުގައި ވޯޓު ސިއްރުކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހަތަރު އިންސައްތަ މަރުކަޒުތަކުގެ ވޯޓު ސިއްރު ނުކުރެވޭކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މި ހަތަރު އިންސައްތަ ވޯޓުލާ މަރުކަޒުތައް ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ވޯޓުލުން ފެށުނު އިރު 95 އިންސައްތަ މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓްރާންސްޕޭރެންސީ އިން ވަނީ ވޯޓުލުން ކުރިއަށްދާއިރު އަދި އޭގެ ފަހުންވެސް ސުލްހަވެރިކަމާ ހަމަޖެހުން ގާއިމުކުރުމަށް އިލްތިމާސްކޮށްފައެވެ.
މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ