އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް މި ރޭ ހަވާ އެރުވުމާއެކު ބޮޑު ހަރަކާތެއް ބާއްވަން ޕީއެންސީއިން ނިންމައިފި އެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ރޭ 8:30 ހާއިރު އާޓިފިޝަލް ބީޗްގައެވެ.
20 ވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ.
ޖުމްލަ 90 ދާއިރާ އަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީން ވާދަ ކޮށްފައިވަނީ 89 ދާއިރާ އަކަށެވެ.
އަދި އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރި އެވެ.
މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 71 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފަ އެވެ.
އަދި ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެއް އަދި އެމްޑީއޭގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފަ އެވެ.