އިއްޔެ ބޭއްވުނީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ބޭއްވުނު އެންމެ އަމާން އިންތިޚާބު: މިނިސްޓަރ އިޙްސާން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގައި ފަހުގެ ތާރީޚެއްގައި ބޭއްވުނު އެންމެ އަމާން އިންތިޚާބު ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާނު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ އެކަމަށްޓަކައި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ދިވެހި ފުލުހުން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި ހިންގި ކާމިޔާބު އޮޕަރޭޝަނަށްޓަކައި ކޮމިޝަނަރަށާއި ހުރިހާ ފުލުހުންނަށް މަރުހަބާއާއި ޝުކުރު ވެސް ވަނީ ދަންނަވާފަ އެވެ.

ހަމައެހެންމެ ރައީސް ފުލުހުންނަށް ދެއްވާ މުހިއްމު ޚާއްޞަ އިރުޝާދުތަކަށްޓަކައިވެސް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 90 ދާއިރާ އަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީން ވާދަ ކޮށްފައިވަނީ 89 ދާއިރާ އަކަށެވެ.

އަދި އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރި އެވެ.

މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފަ އެވެ.

advertisement
ހިޔާލު ދެއްވާ!