ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހދ. ގެ 3 ގޮނޑި ޕީއެންސީއަށް ގެއްލިއްޖެއެވެ.
ޕީއެންސީން ދާއިރާގެ 6 ގޮނޑިއަށްވެސް ވާދަކޮށްފައިވާއިރު، ޕީއެންސީއަށް ކާމިޔާބުކުރެވުނީ 3 ގޮނޑިއެވެ.
އެގޮތުން ހަނިމާދޫ ދާއިރާގެ މިހާރުގެ އެމްޑީޕީ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ޕީއެންސީގެ މެމްބަރު އިދްރީސް ޢަބްދުﷲ އާ ވާދަކުރައްވާ 400 ވަރަކަށް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރައްވާ ގޮނޑި ދިފާޢުކުރައްވާފައެވެ.
ނޮޅިވަރަމް ދާއިރާގެ ނަތީޖާއަށް ބަލާއިރު 5 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއްވިއެވެ. ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވެސް ވާދަކުރެއްވި މިއިންތިޚާބުން މޮސްޓާއަށް ލިބިވަޑައިގަތީ 3 ވަަނައެވެ. 722 ވޯޓާއެކު 77 ވޯޓުން ކުރިހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ރަޝީދު (ރަޝީދުބެ) އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު އަޝްރަފަށް ލިބިވަޑައިގަތީ 2 ވަނައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢަބްދުއްރަޙްމާނަށް 4 ވަނަ ލިބިވަޑައިގަތްއިރު، ޖޭޕީ ގެ ކެންޑިޑޭޓު މުޙައްމަދު ޝަހުދީއަށް ލިބިވަޑައިގަތީ 5 ވަނައެވެ.
މިހާރުގެވެސް ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓެ) ވަނީ ގޮނޑި ދިފާޢުކުރައްވާފައެވެ. ފިއްޓޭ އާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ޝަމްޢޫން އެވެ. 3 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުން 3 ވަނަ ލިބިވަޑައިގަތީ އަދާލަތު ޕާޓީގެ ކެންޑިޑޭޓު ޙުސައިން ޘަޤީފު އަށެވެ.
ކުޅުދުއްފުށީ ސިޓީގެ 2 ގޮނޑި މިފަހަރު ކާމިޔާބުކުރީ ޕީއެންސީ އިންނެވެ.
އެގޮތުން 19 ވަނަ މަޖްލީހުގައި މިހާރުވެސް ކުޅުދުއްފުށީގެ އުތުރު ދާއިރާ ތަމްސީލުކުރައްވާ ޔާސިރު ޢަބްދުއްލަޠީފާ ވާދަކުރައްވާ އެދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ދާއޫދެވެ. 3 ވަނަ ހޯއްދެވީ އަމިއްލަގޮތުން ވާދަކުރެއްވި މުޖަތަބާ އަޙްމަދު އެވެ.
އެމްޑީޕީގެ ޓިކެޓުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވާދަކުރެއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރުޙަތު މުޙައްމަދު އެވެ. 3 ވަނަ ހޯއްދެވީ އަމިއްލަ ކެންޑިޑޭޓު އައިމަން މުޙައްމަދު އެވެ.
މަކުނުދޫ ދާއިރާއަށް ވާދަކުރެއްވި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އާ ވާދަކުރައްވާ އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާދަމް ޝަފީޤުއެވެ. ދާއިރާގެ މިހާރުގެ އެމްޑީޕީ މެމްބަރު މުޙައްމަދު ރާޢީއަށް ލިބިވަޑައިގަތީ 3 ވަނައެވެ.
މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ޖުމުލަ 368 މެންބަރުން ވާދަކުރެއްވި އެވެ.