ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ށ އަތޮޅުގެ މެޖޯރިޓީ ސަރުކާރުން ހޯދައިފިއެވެ.
ޕީއެންސީން ދާއިރާގެ 4 ގޮނޑިއަށްވެސް ވާދަކޮށް 3 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.
އެގޮތުން ސަރުކާރަށް ގެއްލުނީ ހަމައެކަނި ކަނޑިތީމު ދާއިރާގެ ގޮނޑިއެވެ. ޕީއެންސީގެ ކެންޑިޑޭޓު ނަޞްރުﷲ އާ ވާދަކުރައްވާ 1337 ވޯޓާއެކު 200 ވޯޓުން ކުރި ހޯއްދަވައިގެން މިގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަމީން ފައިޞަލް އެވެ. 3 ވަނަ ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ނަވީޒުއެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަޙްމަދު ރައިސަމް އަށް ލިބިވަޑައިގަތީ 128 ވޯޓާއެކު 4 ވަނައެވެ.
ކަނޑިތީމު ދާއިރާއިން އެމްޑީޕީން ޕިއެންސީގެ މައްޗަށް ކުރިހޯދި ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓު ޙަސަން މުފީދު ޢަބްދުލްޤާދިރު ވަނީ ދާއިރާގެ މިހާރުގެ އެމްޑީޕީ މެމްބަރު ޢަލީ ރިޟާއާ ވާދަކުރައްވާ މިލަންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. 3 ވަނަ ލިބިވަޑައިގަތީ އަމިއްލަ ކެންޑިޑޭޓު މުޙައްމަދު ނަބީލް އަށެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަކުރެއްވީ 3 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީއިން މުޙައްމަދު ސިނާން އާއި، ޕީއެންސީން މުޙައްމަދު އިބްރާހީމް އާއި، އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން އަފީފެވެ. މިދާއިރާގެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ޕިއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 2 ވަނައެވެ.
1698 ވޯޓާއެކު، 1136 ވޯޓުން ކުރި ހޯއްދަވައިގެން ފުނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީވެސް ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު މަމްދޫޙު އެވެ. އަމިއްލަ ކެންޑިޑޭޓު އަޙްމަދު އިބްރާހީމްފުޅު އަށް 2 ވަނަ ލިބިވަޑައިގަތްއިރު، 3 ވަނަ ލިބިވަޑައިގަތީ އެމްޑީޕީގެ އިލްހާމް އަޙްމަދު އަށެވެ. ޑިމޮކްރެޓްސްގެ ޢަބްދުލް ޙަންނާން ޙުސައިންއަށް ލިބިވަޑައިގަތީ 19 ވޯޓާއެކު 4 ވަނައެވެ. އަދާލަތުން ވާދަކުރެއްވި އިސްމާޢީލް ޙަމީދަށް ލިބިވަޑައިގަތީ 7 ވޯޓެވެ.
މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.