އެނީމިޔާ އަކީ ލޭގައި ހިމެނޭ ރަނގަޅަށް މަސައްކަތްކުރާ ރެޑް ބްލަޑް ސެލް ހަޑިގަނޑަށް ބޭނުންވާ މިންވަރަށްވުރެ މަދުވުމުން ދިމާވާ ބައްޔެކެވެ. އެނީމިޔާގެ ތަފާތު އެތައް ވައްތަރެއް ހިމެނޭއިރު ދުނިޔޭގެ ނިސްބަތުން ބަލާނަމަ އެންމެ އާންމު ވައްތަރަކީ އަޔަން ޑެފިޝެންސީ އެނީމިޔާއެވެ.
އަޔަން ނުވަތަ ހަށިިގަނޑުގައި ހިމެނޭ ދަގަނޑުގެ ބަޔަކީ ލޭގެ ސެލްގައި ހިމެނޭ ހެމަގްލޮބިން ކިޔާ ޕްރޮޓީން އުފެއްދުމަށް އެންމެ މުހިންމު އެއް މިނެރަލެވެ. އަޔަން ޑެފިޝެންސީ އެނީމިޔާއަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެބައި މަދުވުމެވެ. ހެމަގްލޮބިނަކީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ ވަސީލަތަށްވާތީ، މިބާވަތުގެ އެނީމިޔާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އުފުލައިދިނުމުގެ ނިޒާމަށް ބުރޫއަރާ ވަރުބަލިވުމާއި ނޭވާ ކުރުވުންފަދަ ކަންކަން ކުރިމަތި ކުރުވައެވެ.
ބަލީގެ ޢަލާމާތްތައް:
ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވިޔަސް މިބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭ ދަށްވާ ހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- މީހާ ދޮންފޫޑުވުން.
- ވަރުބަލިވުން
- ގައިގެ ވަރުދެރަވުން
- ހިތުގެ ވިންދު އަވަސްވުން
- ނޭވާ ކުރުވުން
- ބޯއެނބުރުން
- ބޮލުގައި ރިއްސުން
- މޭގައި ރިއްސުން
- އަތްފައި ފިނިވުން
- ކާހިތް ނުވުން
- ޕައިކާ (ގަނޑުފެން، ހަނޑޫ، ޗޯކު ފަދަ އާއްމުކޮށް މީހުން ނުކާ ތަކެތި ކާހިތްވުން)
ބައްޔަށް ހުށަހެޅޭ ސަބަބުތައް:
1- ލޭ މަދުވުން: އެއްވެސް ސަބަބަކާހުރެ، ހަށިގަނޑުން ލޭ ފައިބާނަމަ ލެޔާއެކު ދަގަނޑުގެ ބައިވެސް މަދުވާނެއެވެ. މައްސަރު ދުވަސްވަރު އަންހެނުންގެ ގައިން ވަރަށް ގިނައިން ލޭ ބޭރުވާއިރު މި ހާލަތު ކުރިމަތިވެއެވެ.
2- ކެއުމުގެ ހިމެނޭ ދަގަނޑުގެ ބައި މަދުވުން: ހަށިގަނޑަށް ލިބޭ ދަގަނޑަކީ ކާބޯތަކެތީގެ ޒަރީއާއިން ލިބޭ ތަކެއްޗެވެ. އެހެންކަމުން ކެއުމުގެ ތެރެއިން ލިބޭ ދަގަނޑުގެ ބައި މަދުވާނަމަ މި ހާލަތު ކުރިމަތިވެއެވެ.
3- ކެއުމުގެ ތެރޭގައި ހިމެނުނަސް ދަގަނޑުގެ ބައި ލޭގެ ތެރެއަށް ނުދިޔުން: ކާބޯތަކެތީގައި ހިމެނޭ ދަގަނޑުގެ ބައި ލެޔަށް ދަނީ ކުޑަގޮހޮރާ ހިސާބުންނެވެ. އެހެންކަމުން ގޮހޮރުގެ ބަލިތައް ތަހައްމަލް ކުރަމުންދާނަމަ މިމަސައްކަތަށް ހުރަސްއަޅާތީ މި ހާލަތު ކުރިމަތިވެއެވެ. އަދި ދިވެހިންގެ ތެރޭގައި އާއްމު އާދައެއްކަމަށްވާ ކެއުމާއެކު ކަޅުސައި ބޭނުންކުރުމަކީވެސް ކާބޯތަކެތީގައި ހިމެނޭ ދަގަނޑުގެ ބައި ލެޔަށް ނަގައިދިނުމަށް ހުރަސްއަޅާ ސަބަބެކެވެ.
4- މާބަނޑުވުން: މާބަނޑުވުމާއެކު ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާގެ ނިސްބަތް މަތިވާނެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ދަގަނޑުގެ ބައި ހިމެނޭ ބޭހެއް ބޭނުންކުރަން ޖެހޭނެއެވެ. ނޫންނަމަ މި ހާލަތު ކުރިމަތިވެއެވެ.
ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާ ސަބަބުތައް:
1- ކުޑަކުދިން: ކުޑަކުދިން ބޮޑުވެގެން އަންނައިރު ދަގަނޑުގެ ބައި ހަށިގަނޑަށް ވަރަށް ބޮޑަށް ބޭނުންވާނެއެވެ. ވިހާއިރު ދުވަސްނުފުރާ ވިހެއުމާއި އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ގާތުންދިނުމުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުން ދަގަނޑުގެ ބައި ލިބުމުގެ ފުރުސަތު ހަނިވާތީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.
2- އަންހެނުން: އުފެދުމުގައި އަންހެނުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދެވެ. މިގޮތަށް މަދުކޮށް ހުންނައިރު މައްސަރު ކަންތަކާ ގުޅިގެން ހަށިގަނޑުން ލޭ ބޭރުވާތީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.
3- ލޭ ހަދިޔާކުރުން: ލޭ ހަދިޔާކުރުމުން ހަށިގަނޑުން ދަގަނޑުގެ ބައި މަދުވާނެއެވެ. އެހެންކަމުން ގަވާއިދުން ލޭ ހަދިޔާކުރާނަމަ ދަގަނޑުގެ ބައި ހުންނަ ކާނާ ކެއުމަށް ސަމާލުކަން ދޭންވާނެއެވެ. ނޫންނަމަ މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.
އަޔަން ޑެފިޝެންސީ އެނީމިޔާ އަކީ އާންމު ގޮތެއްގައި ސިއްހީގޮތުން ފުރާނައަށް ނުރައްކާތެރި ބައްޔެއް ނޫންނަމަވެސް ފަރުވާ ނުލިބި ގިނަދުވަސްވާނަމަ އޭގެ ސަބަބުން އިތުރު މައްސަލަަތައް ކުރިމަތިވާނެއެވެ. އެގޮތުން ހިތުގެ މައްސަލަތަކާއި، މާބަނޑުދުވަސްވަރުނަމަ ދުވަސް ނުފުރާ ވިހެއުމާއި، ކުއްޖާގެ ބަރުދަން ލުއިވުމާއި ހެދިބޮޑުވުން ލަސްވުން ހިމެނެއެވެ.
ބަލި ދެނެގަންނާނީ ކިހިނެއް؟
ލޭގެ ޓެސްޓްތައް ހަދައިގެން މި ބަލި ދެނެގަނެވޭނެއެވެ. އެގޮތުން ހެދޭ ޓެސްޓްތަކުގެ ތެރޭގައި ހިމެނެނީ ލޭގެ ރަތް ސެލް ހަށިގަނޑުގައި ހުރި މިންވަރާއި ސެލްތަކުގެ ސައިޒު ބެލުމާއި، ލޭގައި ދަގަނޑު ހުރިމިންވަރާއި ހެމަގްލޮބިނާއި ފެރިޓިން ހަށިގަނޑުގައި ހުރި މިންވަރު ބެލުން ހިމެނެއެވެ.
އަދި މާބޮޑަށް އަލާމާތްތައް ފެންނަަނަމަ އެންޑޮސްކޯޕީއާއި ކޮލޮނޮސްކޯޕީއާއި ސްކޭންކުރުމަކީވެސް ސަބަބު ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
ދަގަނޑުގެ މާއްދާ އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރުމަކީ އެންމެ މުހިއްމު ބަހާއެވެ. މީގެ އިތުރުން ކެއުމުގެ ތެރޭގައި ވިޓަމިންސީ ހިމެނޭ ކާނާގެ ބާވަތްތައްވެސް ހިމަނަންވާނެއެވެ. ވިޓަމިންސީ އަކީ ދަގަނޑުގެ ބައި ލޭގެ ތެރެއަށް ނަގައިދޭ މިންވަރު އިތުރުކުރަން އެހީވެދޭ މާއްދާއެކެވެ. ކެއުމުގައި ބޭނުންކުރެވިދާނެ ތަކެތީގެ ތެރޭގައި:
- ކަނޑުމަހުގެ ބާވަތްތައް
- ރަތްކަން ގަދަ އެއްގަމު މަސް (ކުކުޅުމަހާއި ގެރިމަސް)
- ފެހިކަންގަދަ ފަތް (ސްޕިނިޗް، މުރަނގަފަތް، ކޮޕީފަތް، ކަންކުންފަތް)
- ބިސް
- އެވަކާޑޯ، ކަރާ، ސްޓްރޯބެރީ އަދި ތީނިފަދަ މޭވާތައް
- ހިއްކާފައި ހުންނަ މޭވާ
- ބީންސް އަދި މުގު
- ދަގަނޑުގެބައި އަޅާފައިވާ ސީރިޔަލް
- ޓޯފޫ
- ދަނޑިއަލުތްވާއި ބްރޮކޮލީފަދަ ތަރުކާރީ
ބަލީގެ ފަރުވާ:
ބަލީގެ އަލާމާތްތައް ފެންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. ސަބަބަކީ ދަގަނޑުގެ ބައި ހިމެނޭ ބޭހެއް އަމިއްލައަށް ބޭނުންކުރުމަކީވެސް ރައްކާތެރިކަމަކަށް ނުވާތީއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ބައި މާބޮޑަށް އިތުރުވެ ފުރަމޭ ހަލާކުވުންފަދަ ކަމެއްވެސް ދިމާވެދާނެތީއެވެ.
ދަގަނޑު ހިމެނޭ ބޭހަކުން ފަރުވާކުރުމުގެ އިތުރުން، ދަގަނޑު މަދުވުމަށް ދިމާވާ މައްސަލަ ހޯދާ ހައްލުކުރުމަކީވެސް މިބަލީގެ ފަރުވާގެ ބައެކެވެ.
އަޔަން ޑެފިޝެންސީ އެނީމިޔާއަކީ ރާއްޖޭގައިވެސް ވަރަށް އާއްމު ބައްޔެކެވެ. ރާއްޖޭގައި 2016-2017 ވަނަ އަހަރު ހެދި މޯލްޑިވްސް ޑިމޯގޮރެފިކް އެންޑް ހެލްތް ސާރވޭގައި ދައްކާ ގޮތުން ދަރިމައިވާ އުމުރު (15-49 އަހަރު)ގެ އަންހެނުންގެ ތެރެއިން 63% އަކީ އެނީމިޔާ ތަހައްމަލް ކުރަމުންދާ މީހުންނެވެ. ވީމާ މިބައްޔާއި މެދު ދިވެހިންގެ ތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
1 Comment
ވ ފުރިހަަމަ ލިއުމެއް