މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ޖަލްސާ.. ފޮޓޯ: އަވަސް

ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން އަޅުގަނޑުމެން ތިބޭނީ ހޭލާ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބާއެކު ރައްޔިތުންނަށް ދެން ފެނިގެންދާނީ 24 ގަޑިއިރު އަމަލީ މަސައްކަތުގައި ދެމިތިބެ ނަތީޖާ ނެރޭ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބާ ގުޅިގެން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ރައީސް ވިދާޅުވީ މިނަތީޖާ އިން އެނގިގެންދަނީ ގައުމުގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހިންގެ ކަންކަން ދިވެހިން އަމިއްލަ ނިންމަން ދިވެހިން ބޭނުންވާ މިންވަރު ކަމަށެވެ.

އަދި ގައުމުގައި ހަމަޖެހުން ގާއިމުކޮށް އިގްތިސާދު ރަނގަޅުކުރަން ރައްޔިތުން ބޭނުންވާކަން މިނަތީޖާ އިން އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ކުރި އިތުބާރާއި ބޮޑު ތާއީދާ އެކު އެންމެން ގުޅިގެން އެއް އަޒުމެއްގައި އިޚްލާސްތެރިކަމާ އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. ނަތީޖާ ނެރުމަށް ކުރާ މަސައްކަތުގެ ސްޕީޑް ދެން ފެންނާނީ އެތައް ގުނައެއް ބާރުކޮށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުމީ ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް، އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ މަންޒަރު ދެން ފެނިގެންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި 66 ބޭފުޅަކު ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯދި ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ވެސް ޕީއެންސީގެ ބޭފުޅުންނެވެ. އަދި ޖޭޕީގެ ޓިކެޓްގައި ހޮވުނު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ޓިކެޓްގައި ހޮވުނު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ޓިކެޓްގައި ހޮވުނު ދެ ބޭފުޅުންނަކީ ވެސް ސަރުކާރާ އެކު މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވިއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ދާއިރާ އެވެ.

advertisement
ހިޔާލު ދެއްވާ!