ސަރުކާރު ޖަވާބުދާރީކޮށް ކުރުވުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށްވުމަށް އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަން ފާހަގަކޮށް އެމްޑީޕީން ބުނީ އިއްޔެ އިންތިޚާބު ކާމިޔާބުކުރި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީން މިހާތަނަށް 67 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އިިދިކޮޅު އެމްޑީޕީއަށް ލިބުނީ 11 ގޮނޑިއެވެ.