މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ޖަލްސާ.. ފޮޓޯ: އަވަސް

ނ އަތޮޅުގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަދި ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް

ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ނ އަތޮޅުގެ ހުރިހާ ގޮނޑިއެއް ސަރުކާރުގެ ކެންޑިޑޭޓުން ކާމިޔާބުކުރައްވައިފިއެވެ.

އެއަތޮޅުގެ ހަތަރު ގޮނޑީގެ ތެރޭގައި ހިމެނޭ ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު އަފޫ ޙާމިދު (އަފޫ) އެވެ. އެންމެ ގާތުން ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓު ޙަސަން ސާލިމް މުޙައްމަދެވެ. 3 ވަނަައަށް ހޮވިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މަނަދޫ ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން 700 އެއްހާ ވޯޓުގެ ތަފާތުން ކުރި ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވީވެސް ޕީއެންސީގެ ކެންޑިޑޭޓެވެ. ހުސްނީ މުބާރަކު 1266 ވޯޓު ހޯއްދެވިއިރު، އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ހާރޫން އަށް ލިބިވަޑައިގަތީ 603 ވޯޓެވެ. 3 ވަނަ ހޯއްދެވީ އެމްޑީއޭ ގެ ކެންޑިޑޭޓް ޢަބްދުލް ވާސިޢު ޢަބްދުﷲ އެވެ. 84 ވޯޓާއެކު އެންމެ ފުލުގައި ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް ޢާއިޝަތު އިބްރާހީމް އެވެ.

ވެލިދޫ ދާއިރާގެ އިންތިޚާބުވެސް ކާމިޔާބުކުރެއްވީ ސަރުކާރަށް ތާއީދުކުރައްވާ އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޢައްބާސްއެވެ. 2 ވަނަ ހޯއްދެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ނަވީޒު އެވެ. އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ޢަބްދުﷲ ޝަފީޤު އަށް 3 ވަނަ ލިބިވަޑައިގެންނެވިއިރު، 4 ވަނަ ހޯއްދެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުޙައްމަދު އަލިފުޅު އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު މުރުޝިދުއަށް ލިބިވަޑައިގަތީ 5 ވަނައެވެ.

ހޮޅުދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރީ އެމްޑީޕީއާއި ޕީއެންސީން އެކަންޗެވެ. މިގޮނޑިވެސް ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ އަޙްމަދު ފާޠިޙުއާ ވާދަކުރައްވާ ޕީއެންސީގެ ޢަބްދުއްސައްތާރު މުޙައްމަދު މިގޮނޑި ކާމިޔާބުކުރެއްވީ 248 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

advertisement
ހިޔާލު ދެއްވާ!