މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ޖަލްސާ.. ފޮޓޯ: އަވަސް

ރ އަތޮޅު އެއްކޮށް ޕީއެންސީއަށް އާއެކޭ ބުނެފި

ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރ އަތޮޅުގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއިންތިޚާބުގައި 1397 ވޯޓު ހޯއްދަވައިގެން އަލިފުށީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާން އެވެ. ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާންއާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު (ބިގޭ) އެވެ. 3 ވަނަ ހޯއްދެވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހީމް ޢަބްދުލްކަރީމް (މަންޑޭ) އެވެ.

އުނގޫފާރު ދާއިރާއަށް 6 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މީގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ޝިފާޒު އެވެ. 2 ވަނަ ހޯއްދެވީ އެމްޑީޕީގެ އިބްރާހީމް ޝިޔާމް އެވެ.  295 ވޯޓާއެކު 3 ވަނަ ހޯއްދެވީ މިނިވަން ކެންޑިޑޭޓު ޢަލީ ފާރޫޤު އެވެ. ޖޭޕީ ކެންޑިޑޭޓު ޢަބްދުﷲ އަމީން އަށް 100 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންނެވިއިރު 5 ވަނަ އަދި 6 ވަނަ އަށް ހޮވިވަޑައިގެންފައިވަނީ އަމިއްލަގޮތުން ވާދަކުރެއްވި ޙުސައިން ނާޞިފް އާއި އަމްޖަދު މުޞްޠަފާ އެވެ.

ދުވާފަރު ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން 4 ވޯޓުގެ ތަފާތުން ކުރި ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ. މުޙައްމަދު ޢަލީ 1074 ވޯޓު ހޯއްދެވިއިރު، އެންމެ ގާތުން ވާދަކުރެއްވި މިނިވަން ކެންޑިޑޭޓު އިބްރާހީމް ޢަބްދުއްރަޙްމާން އަށް ލިބިވަޑައިގަތީ 1070 ވޯޓެވެ. 3 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާޢީލް އަޙްމަދު އެވެ. 77 ވޯޓާއެކު އެންމެ ފުލުގައި ޖޭޕީ ކެންޑިޑޭޓް އަޒްލީން އަޙްމަދު އެވެ.

އިނގުރައިދޫ ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ޖުމްލަ 1582 ވޯޓު ހޯއްދަވައިގެން މިދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ފަލާޙު އެވެ. މިދާއިރާއިން 2 ވަނަ ހޯއްދަވާފައިވަނީ 1068 ވޯޓާއެކު އަދާލަތު ޕާޓީ ގެ ކެންޑިޑޭޓު އިސްމާޢީލް ޢަލީ އެވެ. 3 ވަނަ ހޯއްދެވީ މިނިވަން ކެންޑިޑޭޓް ޙުސައިން ޤާސިމް އެވެ. 171 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ އެމްޑީޕީ ކެންޑިޑޭޓް ސަލީމް ޙުސައިން އަށެވެ.

މިއިންތިޚާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

 

advertisement
ހިޔާލު ދެއްވާ!