ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ބ އަތޮޅުގެ ގޮނޑިތައް ބެހިގެން ގޮސްފައިވަނީ ޕީއެންސީއަށާއި، އެމްޑީޕީގެ އިތުރުން މިނިވަން ކެންޑިޑޭޓުންގެ މެދުގައެވެ.
ބ އަތޮޅުގެ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާފައިވަނީ ތުޅާދޫ ދާއިރާގައެވެ. ޖުމްލަ 7 ކެންޑިޑޭޓުން ވާދަކުރެއްވި މި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޢަބްދުލްޙަންނާން އަބޫބަކުރު އެވެ. އޭނާ ވަނީ މިއިންތިޚާބުގައި 1353 ވޯޓު ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ޙަސަން ނިޒާމް އަށް ލިބިވަޑައިގަތީ 823 ވޯޓެވެ. 3 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ޝަފީޤް އެވެ. 4 ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އަމިއްލަގޮތުން ވާދަކުރެއްވި މުޙައްމަދު ޝަރީފު އެވެ. އޭނާ ވަނީ 280 ވޯޓު ހޯއްދަވާފައެވެ. 5 ވަނަ އަދި 6 ވަނަ އަށް ހޮވިވަޑައިގެންފައިވަނީ ޑިމްކްރެޓްސް އިން ވާދަކުރެއްވި އަޙްމަދު އަފްރާޙު އާއި އަމިއްލަގޮތުން ވާދަކުރެއްވި އާދަމް ޝާފިޢު އެވެ. 7 ވަނަ ހޯއްދެވީ މިނިވަން ކެންޑިޑޭޓު އަޙްމަދު ތަޙްލީމް އެވެ.
އޭދަފުށި ދާއިރާއަށް ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން 563 އެއްހާ ވޯޓުގެ ތަފާތުން ކުރި ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ. މިހާރުވެސް އެދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) 1197 ވޯޓު ހޯއްދެވިއިރު، އެންމެ ގާތުން ވާދަކުރެއްވި މިނިވަން ކެންޑިޑޭޓު ޢަބްދުﷲ ވިސާމް އަށް ލިބިވަޑައިގަތީ 634 ވޯޓެވެ. 3 ވަނަ ހޯއްދެވީ ޖޭޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޞިރު އެވެ. 26 ވޯޓާއެކު އެންމެ ފުލުގައި އެމްޑީޕީ ކެންޑިޑޭޓް ޢަބްދުލްހަމީދު މުޙައްމަދު އެވެ.
ކެންދޫ ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ޖުމްލަ 1035 ވޯޓު ހޯއްދަވައިގެން މިދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު މަޢުރޫފް ޒާކިރު އެވެ. މިދާއިރާއިން 2 ވަނަ ހޯއްދަވާފައިވަނީ 715 ވޯޓާއެކު ޕީއެންސީގެ ގެ ކެންޑިޑޭޓު އަޙްމަދު ރިޒާ އެވެ. 3 ވަނަ ހޯއްދެވީ ޖޭޕީގެ ކެންޑިޑޭޓް ޢަލީ ޙުސައިން އެވެ. 57 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ފާޠިމަތު ސިފާނާ އަށެވެ.
ހިތާދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ސިރުޙާން އެވެ. 2 ވަނަ ހޯއްދެވީ މިނިވަން ޓިކެޓުގައި ވާދަކުރެއްވި ޑރ. އިކްލީލް ޝަރީފް އެވެ. އެމްޑީޕީގެ ކެންޑިޑޭޓު އާޔަތުﷲ ޙުސައިން އަށް 3 ވަނަ ލިބިވަޑައިގެންނެވިއިރު، 4 ވަނަ ހޯއްދެވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޒާބާ ޢަޠޯ މުޙައްމަދު އެވެ. އަމިއްލަގޮތުން ވާދަކުރެއްވި ޝަރީފާ ސަޢީދު އަށް ލިބިވަޑައިގަތީ 5 ވަނައެވެ.