އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިޤައުމު ތަރައްޤީވާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއެކު ދެން ފެންނާނީ މިޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކަމަށާއި ޔަޤީންވެގެން މިދިޔައީ ޤައުމު ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު، ހެޔޮ މިސްރާބަށް ރައްޔިތުންގެ ބުރަ މަސައްކަތުން ރިޔާސީ އިންތިޚާބުގައި ގެނެސް، އެ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި ބޭނުންވާ މިންވަރު ކަމަށެވެ.
އަދި މިޤައުމު މާތްވެގެންވާ އިސްލާމްދީނުގެ މަތީ ކުރިއަށްގޮސް އިސްލާމީ ޝިއާރު މަތިވެރިކުރާ ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ މިންވަރުވެސް ފެނިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ޤައުމުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށްކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ޔަޤީންވެފައި އޮތުމަށާއި ރައްޔިތުން ބޭނުންވާ ތަރައްޤީ ބާރު ދުވެލީގައި ހޯދުމަށް ބޭނުންވާ މިންވަރު ރައްޔިތުން ސާބިތުކޮށްދެއްވައިފި ކަމަށެވެ.
"ދެން އޮތީ މަސައްކަތްކުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. މި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިޔަ ދެއްވި އިތުބާރާ ދެއްވި ތާޢީދުގެ މައްޗަށް މި 5 މަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިޤައުމު ތަރައްޤީވާން." ރައީސް ވިދާޅުވިއެވެ.