ރޭގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ. މީޑިއާ

އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން: ރައީސް

އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވިދާޅުވީ ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށެވެ. އަދި ރައްޔިތުން ފަޚުރުވެރިވާ އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމު ކަމަށާއި އަމިއްލަ މަސްލަހަތަށްވުރެ ވަޠަނީ ޢަޒުމް އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ދިވެހީންނަށް ދިވެހީން ރާއްޖެ ބިނާކުރުމުގެ ހައްގު އޮންނަންވާނެކަން ވަރަށް ސާފުވެއްޖެ ކަމަށެވެ.

އަދި މި އަޒުމައިގެން ކުރިއަށް ވަޑައިގަތުމަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. މިއާއެކު ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލްވާނެކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދޭ ޔަޤީންކަމަކީ މިއަދު މިފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުކޮށްފަ އަޅުގަނޑުމެން ނިންމާލާނީ. ގެދޮރުވެރިކަން ޔަޤީންކޮށް، އިޤްތިޞާދު ވަރުގަދަކޮށް އަޅުގަނޑުމެންގެ ޢުމްރާނީ ތަރައްޤީ އަޅުގަނޑުމެން އެދޭގޮތަށް ހުރިހާ ރަށެއްގައި ހާސިލްކޮށް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު އަޅުގަނޑުމެން ކަނޑައަޅާފައިވާގޮތަށް ތަންފީޒްކޮށް، އަޅުގަނޑުމެން ބޭނުންވާގޮތަށް މިޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ." ރައީސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!