ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޢަބްދުﷲ ޖާބިރު

ޖާބިރާއި ދަރިކަލުން މުޢާޒުވެސް އިންތިޚާބުން ކަޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަހިބަދޫ ދާއިރާ އަށް ވާދަކުރެއްވި ޖާބިރުގެ ދަރިފުޅު އަހްމަދު މުއާޒް އަބްދުﷲ ޖާބިރަށްވެސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި ކ އަތޮޅުގެ 4 ގޮނޑީގެ ތެރޭގައި ހިމެނޭ ކާށިދޫ ދާއިރާއަށް ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހީމް އެވެ. އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުﷲ ނަސީރު މުޙައްމަދު އެވެ. 3 ވަނަ ހޯއްދެވީ މިހާރުވެސް ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެވެ. 109 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ މިނިވަން ކެންޑިޑޭޓް މުޙައްމަދު ކަމާލް އަށެވެ. އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ޞަބާޙު އަށް ލިބިވަޑައިގަތީ 5 ވަނައެވެ

ޖާބިރު ދަރިފުޅު މުއާޒު ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި މަހިބަދޫ ދާއިރާ އަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ފާއިތުވި 10 އަހަރުވެސް މެންބަރުގެ ގޮތުގައި ހުންނެވި ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު ތޯރިގު (ޓޮމް) އެވެ. އޭނާއަށް 1214 ވޯޓު ލިބިވަޑައިގަތެވެ. މުއާޒަށް ލިބިވަޑައިގަތީ 898 ވޯޓެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި އިރު ލިބުނު އިރު އެމްޑީއޭ އަށް ދެ ގޮނޑި ލިބުނެވެ. އެމްއެންޕީއާއި ޖޭޕީއަށް އެއް ގޮނޑި ލިބުނުއިރު ބާކީ ހުރި ގޮނޑިތައް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.

advertisement
ހިޔާލު ދެއްވާ!