އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
މި ޝޯ ރޫމް ރޭ ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.
މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑުކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަކީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެންމެ ފުޅާދާއިރާއެއްގައި އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެވެ.
މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރީޓާއި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ލިފްޓާއި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެއެވެ.
އެސްޓީއޯގެ ތާރީހުގައި އެ ކުންފުންޏަށާއި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށްވެސް ގިނަގުނަ ފާހަގަކޮށްލެވޭ ތާރީހީ ކުރިއެރުންތަކެއް އެސްޓީއޯ ކޮންސްޓްރަކްޝަނުން ވަނީ ގެނެސްދީފަ އެވެ.