މިނިވަން 6 މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ރައީސްގެ އަރިހުގައި... ފޮޓޯ: ޕީއެންސީ

އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި 6 މެމްބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރެއްވި 6 މެންބަރަކު ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އެ މެންބަރުން ވަނީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރަައްވައިފައެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ޙަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ

ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓުން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މި 6 މެމްބަރުން ސޮއިކުރެއްވުމާއެކު ޕީއެންސީގެ މެމްބަރުންގެ ޢަދަދު 72 އަށް އިތުރުވާނެއެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާއެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑިއެވެ.

ޕީއެންސީގެ ކެންޑިޑޭޓްގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!