ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ރިސޯޓެއް ތަރައްގީ ކުރުމަށް ނަގާ ލޯނަކަށް ސޮވެެރިން ގެރެންޓީ ދިނުމަށް ސަރުކާރުގައި އެދިއްޖެއެވެ.
މިމަހުގެ 7 ވަނަ ދުވަހު ސިޔާމްގެ ކުންފުންޏަކުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ގެރެންޓީއަށް އެދިފައިވަނީ މާލެ އަތޮޅު ފަޅެއްގައި ތަރައްގީކުރާ “އެމެރަލްޑް ލެގޫން” ރިސޯޓު ހެދުމަށް ނަގާ ލޯނަކަށް ގެރެންޓީ ދިނުމަށެވެ.
އެ އިންވެސްޓްމެންޓުގެ އަގު 165 މިލިއަނަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އެ މަސައްކަތަށް ޗައިނާގެ ޝަންހާއި ކޮންސްޓްރަކްޝަން ގުރޫޕުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އަދި ރާއްޖެއިން ސޮވެރިން ގެރެންޓީ ދީފިނަމަ، ލޯނު ހަމަޖެހެން އޮތްކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުން، މީގެ ކުރިން 2018 ވަނަ އަހަރު ވަނީ އެ ލޯނާ ބެހޭ ލެޓާ އޮފް އިންޓެންޓް ސަރުކާރުން ދީފައެވެ. މިހާރު ބޭނުންވަނީ އެކަމުގައި ސަރުކާރުގެ ސްޓޭންޑު އަދިވެސް ހުރީ އެގޮތަށް ކަން ކަށަވަރު ކުރުމަށެވެ.
ރާއްޖޭގެ ސަރުކާރުގެ ސޮވެރިން ގެރެންޓީއާއެކު އަމިއްލަ ފަރާތަކަށް ދޫކޮށްފައި އޮތް ހަމައެކަނި ލޯނު ވެސް ދޫކޮށްފައިވަނީ ސިޔާމްގެ ކުންފުންޏަކަށެވެ. އެއީ ނ.ދިގުރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެކެވެ.