20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއެކު ޖުމްލަ 80 މެންބަރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ސީދާ ވަކި އަދަދެއް ސާފުނުވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި 3 ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.
ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހުން ބަލާލިއިރު ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 76 ގައި ކަމަށެވެ. އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިއަދާ ހަމަޔަށް އެބަތިބި 72 އެ ހަތަރު މެންބަރުންނާއެކު (ގާސިމް، ސިޔާމް، ނާޒިމް، އައްބާސް) ވީމަ އެވަނީ 76، އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ 80 މައްޗަށް އަޅުގަނޑުމެންގެ އަދަދު ހިނގައިދާނެ" ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ފަދައިން 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.