ރާއްޖެއިން ބޭރުގެ ގައުމުތަކަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން އަށް ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރުހުން ހޯއްދެވުމަށް ރައީސް 10 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވެވިއެވެ. އޭގެ ތެރެއިން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޝިއުނީން ރަޝީދު އައްޔަން ކުރުމާމެދު ކޮމިޓީން ގޮތެއް ނިންމާފައެއް ނުވެއެވެ.
އެއީ އެ ދެ ބޭފުޅެއްގެ ވަނަވަރު މިހާތަނަށް ކޯޓުން ސާފުނުކުރެވިވާތީ، އެބޭފުޅުންގެ އިންޓަވިއު ކުރިއަށް ގޮސްފައިނުވާތީއެވެ. އެހެންކަމުން އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ ކޮމިޓީގައި ވޯޓަށް އަހާފައެއް ނުވެއެވެ.
މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރި ބޭފުޅުންނަކީ:
- އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
- އދ. އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުހައްމަދު
- ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މަސްޢޫދު އިމާދު
- މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
- ބެލްޖިއަމް އަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ
- ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު
- ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުހައްމަދު ލުވައިޒް