މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު --- ފޮޓޯ/ މިފްކޯ

މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުން ހުރި މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޝަމާހު ސަސްޕެންޑް ކުރީ ހުސްވި މާޗް މަހުގެ 18 ގައެވެ. އެއީ 14 ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ފަހުން 31 މާޗްގައި ޕީސީބީން އޭނާގެ ސަސްޕެންޝަން އިތުރު ކުރިއެވެ. އެއީ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

މިފްކޯއިން މިއަދު ބުނީ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޭނާ އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖައްސަން އުފެއްދި އިންޓަރިމް ކޮމިޓީ އުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ ސަސްޕެންޝަން އުވާލާފައި މިވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށްވެސް ހުށަހަޅާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ޕީސީބީ އާއި ޝަމާހުވެސް ވަނީ ހާޒިރު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި ކޮމިޓީން އަދި ވަކި ގޮތެއް ނުނިންމައެވެ.

advertisement
ހިޔާލު ދެއްވާ!