ޗިކުންގުންޏާ ފަތުރާ މަދިރި ..ފޮޓޯ: އިންޓަރނެޓް

ޗިކުންގުންޏާ ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާ ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މާލޭ ސަރަހައްދުން  އެކަނި މިމަހުގެ ތެރޭގައި 46 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

ޗިކުންގުންޔާގެ އަލާމާތްތައް:

  • ހުންއައުން
  • ހުޅުހުޅުގައި ރިއްސުން
  • ބޮލުގައި ރިއްސުން

މި ބަލިން ރައްކާތެރިވުމަށްޓަކާ އެންމެ މުހިންމުކަމަކީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ ސްޕްރޭ އެއް ބޭނުން ކުރުމާއި، ފަތިސް ގަޑީގައި އަދި އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.

އަދި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުމާއި، ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފުތާއަކު އެއްފަހަރު ފެން ބަދަލުކުރުމާއި، ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބަންދުކޮށްފައި ބެހެއްޓުން ހިމެނެއެވެ. 

މީގެ އިތުރުން އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާނުލުމާއި، އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން ހިމެނެއެވެ. 

advertisement
ހިޔާލު ދެއްވާ!